ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަނީ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

އެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނުން ފަށާ މިވަނީ އެ މަގާމުގައި މިހާތަނަށް ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ މަހުގެ އަށެއްގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރާ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމަށް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ މަގާމުގެ މުސާރައަށް 21,884ރ.، އެލަވަންސަށް 12,534ރ. އަދި ހާޒިރީ އެލަވަންސަށް 339ރ. އާއެކު މަހަކު 41،876ރ. ލިބޭނެ އެވެ.

މަގާމަށް ހޮވުމުގައި ބަލާ ޝަރުތުތައް

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

އެ މަގާމަށް ކުރިމަތިލާން އެދި، ހުށަހެޅޭނީ، އަންނަ ހަފުތާގެ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް