ޕާކިސްތާނުގެ ބަލަޗިސްތާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޕާކިސްތާނުގެ ބަލަޗިސްތާނަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖޭން ކުށްވެރިކޮށްފިއެވެ.

ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު، ހުޅަނގު ދެކުނު ބަލަޗިސްތާން ސަރަޙައްދުގައި، އެއް ވަގުތެއްގައި ދިން ޙަމަލާތަކެއްގައި ފުލުހުންގެ 8 މީހަކު ވަނީ މަރާލާފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނުގެ ބަލަޗިސްތާން ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ނިރުބަވެރި ހަމަލާ ދިވެހިރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ރާއްޖޭން އަބަދުވެސް ޓެރަރިސްޓް އަދި ހައްދުފަހަނައެޅި ޚިޔާލުތަކާއި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނާއެކުގައި ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ހަމަލާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ އެދިވަޑައިގެންފައެވެ.

މި ޙަމަލާގެ ޒިންމާ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ބަލަޗިސްތާނު ލިބަރޭޝަން އާމީ ،ބީއެލްއޭއިން ވަނީ އުފުލާފައެވެ. ބީއެލްއޭއަކީ ބަލޮޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް