އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޝާޑީ ގަވަސްމީ

ރާއްޖޭގެ އުރީދޫގެ އާ މެނޭޖިން ޑިރެކްޓަރު، އަދި ސީއީއޯ ކަމަށް ފަލަސްޠީނުގެ ޝާދީ ޤަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.

ޤަވަސްމީގެ ކުރިން ރާއްޖޭގެ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމު ފުރުއްވީ ޤަތަރުގެ ޚާލިދު ޙަސަން އަލް-ޙަމާދީއެވެ. ފެބްރުއަރީ 2، 2022ގައި އައްޔަންކުރި ޚާލިދުގެ ދައުރު މިއަދު ވަނީ ހަމަވެފައެވެ.

ގަވަސްމީއަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ އުރީދޫ ގްރޫޕާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވާ، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

މި ފުރުސަތުގައި ރާއްޖޭގެ އުރީދޫން ވަނީ އެ ކުންފުނީގެ ކުރީގެ ސީއީއޯ ޚާލިދަށް ޝުކުރު އަދާކޮށްފައެވެ.

ޚާލިދުގެ ސީއީއޯކަމުގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" އާއި މޫލީ ތައާރަފްކުރުމުގެ އިތުރުން މާސްޓާކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވުނު ކަމަށް، އުރީދޫން ބުންޏެވެ.

އޭގެ އިތުރުން، މުޅި ރާއްޖެއަށް 4ޖީ+ ގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މުޅި އާބާދީގެ 80 ޕަސެންޓަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްސަ ކޭބަލަކާ ގުޅުވާލުން ހިމެނޭ ކަމަށް، އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުންޏެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް