ހަކަތައާއި އިޤްތިޞާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އޮމާނުގެ މާލީ ވަޒީރާ މަޝްވަރާކޮށްފި

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސައީދު އަލް ހަބްސީއާ މިއަދު ރަސްމީ ބައްދަލުވުމެއް ބާއްވަވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ އެއްބާރުލުން ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.

މިގޮތުން، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި، ކަނޑުގެ ވަސީލަތްތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ޚިދުމަތްތަކާއި، ވެލިއު ޗެއިން އަދި އެއާ ގުޅުންހުރި ވިޔަފާރީގެ ހަރަކާތްތަކުން ލިބެންހުރި ފުރުޞަތުތައް ހިމެނެއެވެ.

މީގެ އިތުރަށް، ރާއްޖޭގައި ކުރިއަށްގެންދާ ހަކަތައާ ގުޅޭ މަޝްރޫޢުތަކުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނާއި، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

އޮމާން އަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމަށް ވުމާއެކު، އެ ޤައުމަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އެހެންކަމުން، މި ޒަމާންވީ އިޤްތިޞާދީ ގުޅުން ދެމެހެއްޓުމާއި އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ކުރިއެރުން ހޯދުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެކި މަޝްރޫޢުތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އޮމާންއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް