ފުރޮޅުލީ ޓްވިން އޮޓާއާއެކު ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއާއި ގއ. އަތޮޅާއި ގދ. އަތޮޅު، ވައިގެ ދަތުރުފަތުރުގެ ނިޒާމަކުން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ގުޅާލައިފިއެވެ.

މިކަމަށްޓަކައި މިއަދު ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި މޯލްޑިވިއަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވިއަނުން ވަނީ ހަތަރު އަތޮޅުގެ މެދުގައި ވައިގެ މަގުން ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބުކިންގ ހެދުމަށް ހުޅުވާލައި، އަގުތައް އާންމުކޮށްފައެވެ. ފެބުރުވަރީ 1 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ކުރާނީ ފަސް ރޫޓަކަށް ބަހާލައިގެންނެވެ. އެއީ ސ. ގަމުން ހުވަދުއަތޮޅުގެ ކާޑެއްދޫ އާއި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރުކުރާ ގޮތަށާއި، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ.

މޯލްޑިވިއަންގެ ދެކުނުގެ ދަތުރުތަކާއި އަގުތައް

  • ގަން - ފުވައްމުލައް - 500ރ.
  • ފުވައްމުލައް - ކޫއްޑޫ - 650ރ.
  • ފުވައްމުލައް - ކާޑެއްދޫ - 650ރ.
  • ގަން - ކާޑެއްދޫ - 900ރ.
  • ގަން - ކޫއްޑޫ - 900ރ.

މޯލްޑިވިއަނުން ހާމަކުރާ ގޮތުގައި މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ޖާގައިގެ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައެވެ.

މޯލްޑިވިއަނުން ބުނީ މި ޚިދުމަތްތަކުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެ، މި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މިއާއެކު، ގަން މެދުވެރިކޮށް ޞިއްޙީ ފަރުވާއަށް ކުރާ ދަތުރުތައް ރަނގަޅުވެ، މޫސުމަށް ބަރޯސާވެފައިވާ ކަނޑު ދަތުރުކުރުން މަދުވެ، ފަތުރުވެރިން އުފުލުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް