އެފްއައިޔޫގެ ވެރިޔާ މަގާމުން ވަކިކޮށްފި
ސަސްޕެންޑު ކޮށްފައި ހުރި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން މިއަދު ވަކި ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން، ސާޖިދުގެ މައްޗަށް ކުރެވުނު ފުރައްސާރައިގެ ތުހުމަތުތައް ތަހުގީގުކޮށްފައިވަނީ އެމްއެމްއޭގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު، އޭނާގެ މައްޗަށް އެކަން ސާބިތުވާ ކަމަށް ނިންމައި، ވަޒީފާއިން ވަކިކުރުމަށް ލަފާދީފައިވެއެވެ. އެހެންކަމުން، ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާ މިހާރު ވަނީ މަޤާމުން ވަކިކޮށްފައެވެ.

އެފްއައިޔޫގެ ވެރިޔާގެ މަޤާމަށް ސާޖިދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ. ސާޖިދަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ މާލީ މުއާމަލާތްތައް މޮނިޓާ ކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ މުހިންމު ޔުނިޓެކެވެ. ގާނޫނު ބުނާގޮތުން އެ ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންވަނީ މަރުކަޒީ ބޭންކުގެ ގަވަނަރަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް