ޕްރޮޖެކްޓް އައިލާ ގެ ބިންގާ އަޅައިފި

މި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢު ކަމަށްވާ "ޕްރޮޖެކްޓް އައިލާ" ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މިއީ ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރުގެ އިތުރުން ކުރަމާދޫ ގައި ކުރިއަށްގެންދާ 790 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރައްވާ "ޕްރޮޖެކްޓް އައިލާ" ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވީ 2025، ޑިސެންބަރު 31 ގައެވެ.

 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޕްރޮޖެކްޓް އައިލާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕީޓަރ ކްރިސްޓިކް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުމާއި ހަރުދަނާ ލީޑަރޝިޕް ފާހަގަކުރައްވާ އެކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި ސަސްޓެއިނަބަލް ޓައުންޝިޕް ކޮންސެޕްޓަކީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު ވިސްނުންތެރި މޮޑެލްގެ އެއްކަން ފާހަގަކުރައްވާފައެވެ. ސީ.އީ.އޯ ވަނީ މި ޕްރޮޖެކްޓް އެޕްރޫވް ކުރުމުގެ މަރުހަލާގެ ކަންކަން ދިޔައީ ދެފުށްފެންނަގޮތަށްކަން ފާހަގަކުރައްވާ ރާއްޖޭގައި އިންވެސްޓަރުންނަށް އިތުބާރު އޮތް މާހައުލެއް ޤާއިމްވެފައި އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދު ސިންދަފާތުކުރުމަށް އެސް.އީ.ޒެޑް އޮނިގަނޑުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައިލާ ފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ އިތުރުން އެތަނުގައި އިންވެސްޓްކޮށް ދިރިއުޅެވޭނެ ތަނަކަށް، ދިގުމުއްދަތަކަށް ފައިދާ އިތުރުކުރެވިދާނެ ތަނަކަށް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

2028ވަނަ އަހަރު ނިމުމުގެ ކުރިން ސަސްޓެއިނަބަލް ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާއިރު، ލަގްޒަރީ ވިލާ އަދި އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓަކާއި މެރީނާއެއް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކު އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމްވުމާއި އެކު މަދުވެގެން 60 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޖެކްޓް އައިލާ ގެ ބިންގާ އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޕްރޮޖެކްޓް އައިލާ، ކްރިސްޓަލް ހޯލްޑިންގްސް އަދި ބްލޫރޮކްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރޮޖެކްޓް ސައިޓް ބައްލަވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް