ޓެކްސީ ސެންޓަރު ރަޖިސްޓްރީ ކުރަން ލުއިދީ ގަވާއިދު އާއްމުކޮށްފި

ޓެކްސީ ސެންޓަރުތައް ރަޖިސްޓަރީކުރަން ލުއިތަކެއްދީ، ޓެކްސީ ކުރުމުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

ޓެކްސީ ކުރުމުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އިސްލާހުތަކާއެކު ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވާނެއެވެ. އަދި ހިދުމަތަށް އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

ގަވާއިދު އިސްލާހުކުރުމުގެ މަގްސަދަކީ ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނާއި ޑްރައިވަރުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ހިދުމަތުގެ ފެންވަރު މަތިކޮށް، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރުތީބުކުރުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

ޓެކްސީ ގަވާއިދަށް ގެނައި ބައެއް ބަދަލުތައް:
  • ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް މަދުކުރުން
  • ލައިސަންސް އޮންނަ ޓެކްސީ ޑްރައިވަރުންނަށް އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދިނުން
  • ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހުން
  • ކުންފުންޏަކުން ދަތުރުފަތުރުގެ ހިދުމަތް ދޭނަމަ، އެކަމަކީ އެ ފަރާތެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ކަށަވަރުކުރަންޖެހޭން

ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ހިދުމަތް ކުރިއަށް އޮތް ފެބްރުއަރީ މަހު ފަށަން ވަނީ ނިންމާފައެވެ. ސަރުކާރުގެ ޓެކްސީ ލައިން ފަށަން ނިންމާފައިވަނީ 150 ކާރާއެކުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް