އިންތިހާބުގެ ކެންޑިޑެސީ ހުށަހެޅޭ ވަގުތު އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަަށް ކުރިމަތިލާން ފޯމް ހުށަހަޅަން ކޮންމެ ދުވަހު ދޭ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިތުރުކޮށްފި އެވެ.

އީސީން މިއަދު ބުނީ އޭގެ ބަދަލުގައި މިހާރު ކޮންމެ ދުވަހަކު ވެސް ފޯމް ހުށަހަޅަން ދެގަޑިއިރު އިތުރަަށް ލިބޭނެ ކަމަށެވެ. އެހެންވެ، ފޯމު ހުށަހެޅުމުގެ ވަގުތަކީ މިހާރު ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 5:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 8:00 އަށް ކަމަށް އީސީން ބުންޏެވެ.

ފޯމު ހުށަހަޅަން ކޮންމެ ދުވަހަކު އޮންނަ ވަގުތު އީސީން އިތުރުކުރީ މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. އެ ކޮމިޝަނުން އެގޮތަށް ނިންމިއިރު، އިދިކޮޅު އެމްޑީޕީން ވަނީ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދޭން އެދިފަ އެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބުތަކުގައި ވާދަކުރަން ހުޅުވާލީ މިމަހު 17ވަނަ ދުވަހެވެ. އެ މުއްދަތު ހަމަވާން މީގެ ކުރިން އޮތީ، އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް