މީޑިއާ ކޮމިޝަންގެ ޤާނޫނު ބާޠިލުކޮށްދިނުމަށް އެދި އެމްޖޭއޭ އިން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ބާޠިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މީގެ އިތުރުން އެމްޖޭއޭ އިން ވަނީ އެ މައްސަލަ ނިމެންދެން، މީޑިއާ ކޮމިޝަނުން މީޑިއާތަކުގެ މައްޗަށް ފިޔަވަޅު އަޅައިދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އެ ކޮމިޝަންގެ މައްޗަށް ނެރެދިނުމަށްވެސް އެދިފައެވެ.

އެމްޖޭއޭ އިން ހާމަކުރާ ގޮތުގައި އެ ޤާނޫނު ބާޠިލުކުރަން އެ ޖަމުޢިއްޔާގެ ފަރާތުން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ޙައްޤު އެ ޤާނޫނުން ހަނިކޮށްފައިވާ ކަމަށާއި، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މަޢުލޫމާތު ހޯދަުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަމަށް ހުރަސްއަޅާތީ ކަމަށް ބުނެއެވެ.

މީގެ އިތުރުން އެމްޖޭއޭ އިން ބުނީ އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ޢަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މަސައްކަތްކުރުމުގެ ޙައްޤަށާއި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމުގެ ޙައްޤަށް އެ ޤާނޫނުން ހުރަސްއަޅާފައިވާ ކަމަށާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ޙައްޤަށްވެސް އެ ޤާނޫނުން ހުރަސް އަޅާ ކަމަށް ބުނެފައެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މީޑިއާތަކުގެ މައްޗަށް ފިޔަވަޅު އެޅުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރެއް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށް އެދިފައިވަނީ، ޤާނޫނު ބާޠިލުކުރުމުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލައިގައި ޙުކުމެއް ކުރުމުގެ ކުރިން އެ ޤާނޫނު ތަންފީޒުކޮށް، އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އަޅައިފިނަމަ، ޤާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާ ނުވަތަ މިނިވަންކަމަށް ހުރަސް އެޅި، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތަތީ ކަމަށެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމުޢިއްޔާއިން އުންމީދު ކުރަނީ އަދި ހައިކޯޓަށް ގޮވާލަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ބަލައިގަނެ، އަޑުއެހުންތައް ކުރިއަށް ގެންގޮސް މި މައްސަލައިގައި ޤާނޫނީ ފަުވާއެއް ހޯދައިދިނުމަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް