ގޯތިތައް ހުރި ތަންތަނަށް ބަދަލު ގެނައުމާ ގުޅިގެން އައު ރަޖިސްޓްރީ އާ ހަވާލުވާން އެދެފި

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ގުޅިފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރެވިފައިވާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި އައު "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" އާ ހަވާލުވާން ހައުސިން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ބަދަލާ ގުޅިގެން ކުރިން ދޫކުރި ބަންޑާރަ ގޯތީގެ ރަސްޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި، މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިނުވާ މީހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ، އިއްޔެއިން ފެށިގެން މާރިޗު 15 ވަނަ ދުވަހާ ހަމައަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. އެހެންވެ، މިއަދާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އިތުރު ފުރުސަތެއް ދޭން ވެސް މިނިސްޓްރީން ނިންމާފައިވާ ކަމަށް އިއުލާނުގައިވެއެވެ.

އެ ގޮތުން، އިއްޔެއިން ފެށިގެން މާރިޗު 15 ވަނަ ދުވަހުގެ ނިޔަލަށް އެ މީހުން ވެސް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހަޅަން ވަނީ ހުޅުވާލާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ވަނީ ހުޅުމާލެއާއި ގުޅިފަޅު އަދި ގިރާވަރުފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައެވެ. އޭގެ ތެރެއިން ގިނަ ގޯތިތައް ދީފައިވާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހި ވެސް މިހާރު ވަނީ ހިއްކާ ނިންމާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް