ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ފަތިސް ނަމާދަށް ގަޑިއަށް ހޭލާ، ނަމާދުން ދުވަސް ފެށުމަށް  ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބައފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް އެދިވަޑައިގެންފައެވެ.

ނަމާދަށް ފަރުވަތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތަޢުލީމީ ޙަޔާތުގައި ސްކޫލްތަކުގެ ވެރިންގެ އަންގާމަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަޤްބަލަށް އެޅިގެންދަނީ ގުޑުވާނުލެވޭ ވަރުގެ ވަރުދަ ބިންގާއެއް ކަމަށެވެ.

ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ ޙަޔާތުގައި ގެއްލުންތަކެއް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަން ކަން ފާހަގަކުރައްވާ، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައި ދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް "އިންކްލޫސިވް އެޑިޔުކޭޝަން" އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު މި ހުޅުވުނު ޝަހީދު ޢަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ޤާއިމްވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް '"އިންކްލޫސިވިޓީ"' އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާ އެކަމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ތަޢުލީމް ދިނުމަށް ސަރުކާރު ގުޅިގެން ހުރިހާ ފަރާތްތަކުން ދޭ ފުރުސަތަކީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބަލާ، އަޚްލާޤް ރަނގަޅު ދަރިވަރަކަށް ވުމުގެ ޢަޒުމް ކަނޑައަޅާ، ދީނީ ގޮތުން ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށް ތައުލީމް އުނގެނުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

ޝަހީދު އަލީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ  ސްކޫލް ރަސްމީކޮށް ހުޅުވުމުގެ ގޮތުން، ސްކޫލްގެ ލޯގޯ އިފްތިތާޙްކޮށްފައެވެ.

ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލްގައި އިއްޔެގެ ނިޔަލަށް 2000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ އެންރޯލްވެފައެވެ. ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލުގައި 54 ކްލާސްރޫމް، ތިން ސައިންސް ލެބް، އެއް ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބްގެ އިތުރުން އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިންގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް