އދ. އޮމަދޫގައި އަލަށް ބިނާކުރި "މަސްޖިދުއްރަޙުމާ" ރަސްމީކޮށް ހުޅުވައިފި

އދ. އޮމަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް "މަސްޖިދުއްރަޙުމާ" ނިންމައި، ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން އެ ރަށުގެ ރައްޔިތުންނަށްޓަކައި ބިނާކޮށްދީފައިވާ މިސްކިތެކެވެ.

މި  މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުގެ އިތުރުން ރަށު ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު، ސްޓޭޓް މިނިސްޓަރު ވަނީ މިސްކިތް ބިނާކޮށްދެއްވި ފަރާތަށް ޝުކުރު އަދާކުރައްވައި، މިސްކިތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

އިސްލާމީ ވުޒާރާއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް