އާގުބޯޓުތަކަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާ ހުޅުވާލަން ނިންމައިފި

ތިރީހަށް ވުރެ ގިނަ އަހަރު ފަހުން، މާލޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޭރުގެ އާގުބޯޓުފަހަރަށް މެދުކެނޑުމެއް ނެތި ވަދެވޭ ގޮތް މިއަދު ހަދައިފިއެވެ.

1988ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބައިނަލްއަގުވާމީ އުޅަނދުތަކުން އަމަލުކުރަމުން އައި އުސޫލަކީ، ރޭގަނޑު 12 ޖެހުމަށްފަހު އަންނަ ބޯޓުފަހަރު ހެނދުނު 6 ޖަހަންދެން ބޭރުގައި މަޑުކުރުމެވެ. ނަމަވެސް، ރާއްޖެއަށް އަންނަ އުޅަނދުތައް ގިނަވަމުންދާތީ، ގައުމުގެ އިގްތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖަނަވަރީ ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ. މިއީ 1988ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މިބަދަލާއެކު، ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑިއިރު ހިނގަމުން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި އައު ބަދަލާއެކު، އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑުގެ މިންގަނޑުތަކާ އެއްގޮތަށް ދޭންޖެހޭ ހުއްދަތަކާއި ޕައިލޮޓޭޖްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެއެވެ. މީގެ ސަބަބުން ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބޭރުގައި މަޑުކުރަންޖެހުމުން ކުރިން ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ވަގުތު ސަލާމަތްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް