މިހާތަނަށް 1،616 މީހުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން އިޢުލާންކޮށްފައިވާ "ޢާއިލީ ބޯހިޔާވަހިކަން" ޕުރޮގުރާމަށް މިހާތަނަށް 1،616 އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލެޓަށް އެދި 1،160 އެޕްލިކޭޝަން ލިބިފައިވާއިރު، ގޯއްޗަށް އެދި 456 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅައިފައެވެ. މީގެ އިތުރުން، 7،605 އެޕްލިކޭޝަން ޑްރާފްޓް ސެޓޭޖުގައި ހުރިކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ އިއްޔެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިޢުލާންކުރި ގޮތުގައި "ޢާއިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ދަށުން ފުލެޓަށް އެދި ހުށަހެޅޭނީ ޖަނަވަރީ 18 އިން ފެށިގެން އެޕްރީލް 17 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. އަދި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މާރިޗު 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށެވެ.

މި ޕުރޮގުރާމުގެ ދަށުން 15،000 ގޯއްޗާއި 7،900 ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފުލެޓު ދޫކުރުމުގައި މާލޭގެ ރައްޔިތުންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފުލެޓު ވަނީ ކަނޑައަޅައިފައެވެ.

އަދި، ގޯތި ދޫކުރުމުގައި މާލޭގެ ރައްޔިތުންނަށް 10،000 ގޯއްޗާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3،000 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ގޯތީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތު ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

ފުލެޓާއި ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ޝަރުތުތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވަނީ އާންމުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް