ނައްތައިލަން ބޭނުންވާ މުސްހަފްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެފި

މާލޭގެ ގޭގޭގައި ނައްތައިލަން ހުރި ކީރިތި ގުރުއާނުގެ މުސްހަފްތަކާއި، ވަކިވަކި އާޔަތްތައް ހުރި ނަމަ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ އިދާރާއިން އިއްޔެ ހުޅުވައިލައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް އެ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ތަކެތި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ ތަކެތި ބަލައިގަންނާނީ:

  • މާލެ: ސިނަމާލެ-3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ-3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ)
  • ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން
  • ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް

ބާވެފައިވާ މުސްހަފްތަކާއި، ކީރިތި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ނައްތައިލުމުގެ މަސައްކަތް މީގެ ކުރިން ވެސް ކަމާ ބެހޭ އިދާރާތަކުން ކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް