އެފްޑީސީ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދިޔަ އެންމެހައި މަސައްކަތްތައް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 4،000 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ކުލީގެ ގޮތުގައި މެއިންޓަނަންސް ފީއާއެކު 7،000ރ. ދައްކަންޖެހޭއިރު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 6،000ރ. ދައްކަން ޖެހެއެވެ.

މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި މެއިންޓަނަންސް ފީ ހިމެނޭހެން 10،000ރ. ދައްކަން ޖެހޭއިރު، ޑިޕޮސިޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،500ރ. އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް