މިއަހަރު ތެރޭ 12،000 ފްލެޓުގެ މަސައްކަތް ފަށާނެ: މިނިސްޓަރު

 މިއަހަރުގެ ތެރޭގައި 12،000 ފްލެޓުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

"ޕީއެސްއެމް"ގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ މިއަހަރުތެރޭގައި12،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.

އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރާ އަދަދެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިފްލެޓް އަޅާއިރު އިސްކަންދޭނީ ގިނައިން ތިން ކޮޓަރި އެޕާޓްމެންޓްތަކަށް ކަމަށެވެ،.

މުއްތަލިބު ވިދާޅުވީ އެ އުސޫލުގެ ދަށުން 3،300 ފްލެޓް އަޅަން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފަވާ ކަމަށެވެ.  އަދި މި މަސް ތެރޭގައި ބައެއް ތަންތަނުގެ މޮބިލައިޒޭޝަން މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީގެ އެހީގައި އަޅާ 400 ފްލެޓުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ޗައިނާގެ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ހައުސިން ޔުނިޓް އެޅުމުގެ ތައްޔާރީތައް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިގެން ދިއުމޭ ޖުމްލަކޮށް. އެއީ އެއްވެސް ސަރުކާރެއްގައި މިހާތަނަށް މަސައްކަތް ނުކުރެވޭ އަދަދެއް. އަޅުގަނޑުމެން އިސްކަން ދެނީ ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތައް އަޅައިގެން ކުރިއަށް ގެންދިއުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް