ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް
ދޮޅުމަސް ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ގާތްގަނޑަަކަށް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފި އެވެ.

އެމްއޭސީއެލުން ވިދާޅުވީ، ފޭސް 3 ހިއްކުމުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއީ، އެ ސަރަހައްދުން ހިއްކަންޖެހޭ 63 ހެކްޓަރުގެ ތެރެއިން 62 ހެކްޓަރުގެ މަސައްކަތެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި މިމަހުގެ 20ވަނަ ދުވަހަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖަނަވަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން" ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އަލުން މަސައްކަތް ފަށައި، ބާރުސްޕީޑުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް އަވަސް ކުރުމަށްޓަކައި ސަރުކާރުން ވަނީ، އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު 28 ގައެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެޅި ފިޔަވަޅުތަކާއިއެކު މިމަސައްކަތް ނިމެމުންމިދަނީ، މިމަޝްރޫޢުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ މުއްދަތަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް