ޓެކުހަށް މަކަރުހެދި ދެކުންފުންޔަކަށް ދައުވާކުރަން މީރާއިން ހުށަހަޅައިފި
ކޯވިޑް-19ގެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުންޏެއް ޓެކުހަށް މަކަރު ހަދައިފައިވާކަމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ.

މީރާއިން ކުރި އިއުލާނުގައި ބުނީ ކޮވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ޚިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއިން ޓެކުހަށް މަކަރު ހަދައިފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެ ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

މީރާއިން ބުނި ގޮތުގައި ޕީސީއާރު ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ދެ ކުންފުންޏަކީ އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކުންފުނިތައް ކަމަށެވެ. ނަމަވެސް، އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި، ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް މީރާއިން ބުންޏެވެ. އަދި މި މައްސަލައަކީ އެކަން ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށް މީރާއިން ބުންޏެވެ.

އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަން ފަށައި، މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވެ އެވެ.

ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނެވެ. ނަމަވެސް، މިރާއިން ބުނީ އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށެވެ.

އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި "ކޮސްޓް އޮފް ސޭލްސް" އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން ވަނީ އެދިފައެވެ. އަދި އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވެއެވެ.

އެއްވެސް ފަރާތަކުން ޓެކުހާއި ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން ވަނީ އެދިފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް