ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން "އިން-އެކްޓިވް" އަށް ބަދަލުކުރަނީ

ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25 ވާ އާދިއްތަ "އިން-އެކްޓިވް" އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ދަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންނާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ގޮތުން ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރަޖިސްޓްރީކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ މަސައްކަތްކުރާ ސައިޓުތައް މިއަދުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެ ވުޒާރާއިން ބުނީ މިފަދަ ފަރާތްތަކުން މުއްދަތު ހަމަވެފައިވާ މަސައްކަތާއި ގުޅުންހުރި ސައިޓުތައް އަލުން އެކްޓިވޭޓްކުރުމަށް، ލިޔެކިޔުންތައް އައުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ސައިޓުތަކުގައި ބިދޭސީން މަސައްކަތްކުރަމުންދާ ތަންތަނުގައި ވަޒީފާ ދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުން އަދާހަމަކުރުމަށް ދާޚިލީ ސަލަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް