ކޮންގްރެސް ޕާޓީގެ މާލޭ މޭޔަރު ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން އޮފީސް ހުޅުއްވައިދެއްވީ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މޫސާ ޢަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ޤާއިމްކޮށްފައިވަނީ ހެންވޭރު ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓް އިމާރާތުގެ ތިރީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަލީލު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުމެވަޑައިގަންނަވަނީ އެ މަޤާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަމޫނާއެއް ކަމަށް ބައްލަވައިގެން ކަމަށެވެ. މީގެ އިތުރުން ޖަލީލު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ މުނިސިޕަލް ޚިދުމަތުގެ ރަންޒަމާނެއް އައިސްގެންދިޔަ ކަމަށާއި، މާލޭގައި ހައްލު ނުވެ ހުރި އެތައް މައްސަލައެއް އެމަނިކުފާނު ހައްލުކޮށްދެއްވި ކަމަށެވެ.

"މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު އަޅުގަނޑު މިފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމުން ބަލައިގަތް ހީވާގި މޭޔަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފިޔަވަޅުފުޅު މަތީ އެމަނިކުފާނު ހިންގެވި މަގު އިހުތިޔާރުކޮށް، އެމަނިކުފާނުގެ ހިތްވަރާއި ހިންމަތް ނަމޫނާއަކަށް އަދި އިންފާހަގައަކަށް ބަލައިގެން"، އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން 97 އިންސައްތަ އަށްވުރެ ގިނަ ގޮނޑިތަކަށް ވާދަކުރެއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ދާއިރާއަށް އަދި ގޮނޑިތަކަށް ވާދަކުރާ ފަހަރެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 04 އެޕްރީލް 2026 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް