ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓުން ވާދަކުރަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީގެ އިންޓަރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަންސްއާ ބައްދަލުކޮށް، ލޯކަލް ކައުންސިލް އިންތިޚާބު 2026ގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ޕާޓީން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާގުޅޭ މަޢުލޫމާތު ހޯދައި، އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައިވާކަމަށެވެ.

އެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީން އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި، އެކަމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެއް ގޮނޑިއަކަށް ގިނަ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެމްޑީޕީގެ ލީޑަޝިޕްގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން ޖުލައި 2023ގައި އުފެއްދި ޕާޓީއެކެވެ.

ނަމަވެސް މައްސަލަތައް ހައްލުކުރުމަށްފަހު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުނު ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް މިދިޔަ އަހަރު އަލުން އެމްޑީޕީއާ ވަނީ ގުޅިފަ އެވެ.

އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން ވަނީ އިއްޔެ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް