ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ އެޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރުމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަމަހުގެ 1ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އަދި ފުރުސަތު ބަންދުވާނީ ފެބުރުވަރީ 1 ވަނަ ދުވަހު މެންދުރުފަހު 15:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް ފޯމް ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބަށް ކެނޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ މި ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް