އައްޑޫ "ސުކޫޕް" ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް

އައްޑޫ ސިޓީ ހިތަދޫގައި "ސްކޫޕު" ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)އެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންް، ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ އެގޮސްޓުގައި އަމަލުކުރަންފެށި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ ދަށުން ގޭންގު ލީޑަރުންނާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ. ގޭންގެއް ކަމަށް ކަނޑައަޅަން ޖެހެނީ ކޯޓަށް ހުށަހަޅާށެވެ.

ފުލުހުން ފޮނުވާފައިވާ ހެކިތަކާއެކު އެހުށަހެޅުން ދިރާސާކުރިއިރު، "ސްކޫޕު" ގްރޫޕަކީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް ފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހެންވެ، ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ، ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

އަދި، އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި "ސްކޫޕު" އަދި "ސްކޫޕު ކަންމަތި"ގެ އިތުރުން "އެސްކީޕީ" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މިއީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)" އެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ. ކުރިއަށް އޮތް ތަނުގައިވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ގޭންގު ކުށްތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ގޭންގެއް ކަަމަށް ކަނޑައެޅުމަށް މީގެ ކުރިން އިތުރު މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ގޭންގެއްކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް އެ ހުށަހެޅުމުގައި ތަހުގީގު ފުރިހަމަވެފައިނުވާތީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ފުލުހުނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް