ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކްފޯސްއިން އިއްޔެ މާލޭގެ ގުލާބީ މަގުގައި ހުންނަ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދިޔަ 04 ތަނެއް ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިޤުތިޞާދީ ވުޒާރާއިން 2025 ނޮވެންބަރު 27 ގައި ކުރި އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ އިޤުތިޞާދީ ވުޒާރާގެ ވެބްސައިޓުމެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް