ޚާރިޖީ ވަޒީރު ޔޫއޭއީއަށް ވަޑައިގެންފި

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ޔޫއޭއީއަށް ވަޑައިގެންފިއެވެ.

ވަޒީރު ޔޫއޭއީއަށް ވަޑައިގެންނެވީ 2026 ޖެނުއަރީ 13 އިން 14 އަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2026" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ފޯރަމެކެވެ. މި ފޯރަމްގައި ދައުލަތްތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތަކުގެ އިތުރުން މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކާއި، އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ކުރިއެރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ރައްކާތެރިކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި،އައު އީޖާދުތަކުގެ އިތުރުން ބައިނަލްއަޤްވާމީ އެއްބާރުލުމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ރާއްޖޭގެ ދައުރު މިކަމުގެ ސަބަބުން ފުޅާވެގެންދާނެއެވެ.

ވަޒީރު ޑޮކްޓަރ ޚަލީލްގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އާއި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް