ޑްރަގާއެކު ބާރަށުން ދެ މީހަކު އަދި ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ.ފުނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ ،ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) އަދި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) އެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ޢަލީ ތަސްލީމް އަދި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް މަސްތުވާތަކެތި އެތެރެކުތަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ.

އަދި އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަތަކާ ގުޅިގެން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައެވެ. އަދި އާދަމް ފަތުޙީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް