ރައީސްގެ ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5ގައި
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.

މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިފަހުން ދެއްވާ 3ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ މަހު 5ގައި ބާއްވަން ތާވަލު ކުރިއިރު، މަޖިލީހުން އަންނަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަމުންނެވެ. މިހާތަނަށް އޭގެ ދެ ޖަލްސާ ވަނީ ބާއްވަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް