ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ: ޑރ. ޢާއިޝަތު ޝިހާމް

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އިޖުތިމާޢީ ވުޒާރާއިން ބުނީ އެ ވުޒާރާއިން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމަކީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެއް ކަމަށެވެ.

އަދި "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖެހިގެން ގޮސްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އެގޮތުން، ވީހާވެސް ގިނަ ބޭފުޅުން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، ކުއްޖަކު ބެލެހެއްޓޭ ނުވަތަ ކުއްޖަކު ބަލަހައްޓަން ބޭނުންފުޅުވާނަމަ އިޖުތިމާޢީ ވުޒާރާއާ ގުޅިގެން އެ މަސައްކަތްކުރެއްވުމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް