ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފްގެ ފުރަތަމަ ކާމިޔާބީ މިއަދު

ނެޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކުއްޖަކު އުފަންވެއްޖެެއެވެ.

އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާ ކަމަށާއި، މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ ޢާއިލާތަކަށް އައު އުންމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ހާސިލުވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ.

އެ ބަޔާނުގައި އައިޖީއެމްއެޗުން ހާމަކޮށްފައިވަނީ ދަރިފުޅު އުފަންވެފައިވަނީ މިއަދެވެ. އަދި ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަމަށާއި، މި ކާމިޔާބީ ހާސިލުކުރުމުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންނާއި އެމްބްރިޔޮލޮޖިސްޓުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި، ނަރުހުން އަދި ސެންޓަރުގެ އެންމެހައި މުވައްޒަފުން ކުރެއްވި މަސައްކަތަށް ފަޚުރުވެރިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މި ކާމިޔާބީއަކީ، ޢާއިލާއެއް ބިނާކުރުމުގެ އުންމީދުގައި ތިބި ކޮންމެ ދެމަފިރިއެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް އަޅުގަނޑުމެން ގެންގުޅޭ މަޤުޞަދު ރަމްޒުކޮށްދޭ ކަމެއް. ކުރިއަށް އޮތް ތަނުގައިވެސް، މިފަދަ ފަރުވާ ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި، އޯގާތެރިކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން"، އެ ބަޔާނުގައި ބުނެފައިވެއެވެ.

ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެ ފަރޓިލިޓީ ސެންޓަރެއް ޤާއިމްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަތް ވަޢުދުފުޅާ އެއްގޮތަށް، ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ފަރޓިލިޓީ ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ 15 ނޮވެންބަރު 2024 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް