މާމިގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

އދ. މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަދަމުންދާ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވާދެއްވާފައިވަނީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އިތުރުން މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އާރުޑީސީން ހާމަކުރާ ގޮތުގައި މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ %89 މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ތާރު އަޅައިގެން މަގުތައް ތަރައްޤީ ކުރުމާއި، ކެރިއޭޖްވޭ އަދި ސައިޑްވޯކްގެ މަސައްކަތާއި، މަގުމަތީގައި ހުންނަ ކާނުތަކާއި ސްޓޯރމް ވޯޓަރ މަނޭޖްމަންޓް ސިސްޓަމްގެ ގާއިމު ކުރުމާއި، ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމާއި، މިހާރު ހުރި މަގުތަކުގައި ސްޓްރީޓް ލައިޓް ހަރުކުރުމުގެ އިތުރުން މިހާރު ހުރި މަގުތަކުގައި ސްޕީޑް ބްރޭކަރ ހެދުމުގެ މަސައްކަތް އަދި ޒީބްރާ ކްރޮސިންގްސް މާކު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 6 މަގެއް ހިމެނޭހެން 4.8 ކިލޯމީޓަރ ކޭބަލް ޖަންޝަނާ ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، ދުވާރާއި ކާރބް ސްޓޯންޖެހުމުގެ %99 މަސައްކަތް ނިމިފައިވާ ކަމަށް އާރުޑީސީން ހާމަކުރެއެވެ.

އަދި ސެޓްލްމަންޓް ޓޭންކާއި ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލައިގެ މަސައްކަތާއި، ޕަމްޕް ސްޓޭޝަންތަކުގެ %61 މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރުޑީސީން ބުނެއެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ފެށި މި މަޝްރޫޢަކީ ޖުމްލަ 95,043,314.41 ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް