މިދިޔަ އަހަރު 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ނިމިދިޔަ 2025ވަނަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 2,246,516 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ 2024ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2,046,615 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޑިސެމްބަރު މަހުއެވެ. އެގޮތުން އެމަހު އެކަނިވެސް ރާއްޖެއަށް 224,455 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރި 3 ގައުމު:

ޗައިނާ: 329,428 ފަތުރުވެރިން
ރަޝިއާ: 278,760 ފަތުރުވެރިން
އިނގިރޭސިވިލާތު: 202,171 ފަތުރުވެރިން

މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް