ސަނީގެ ހާޒިރުގައި އޭނާ އުޅުނު ގެ ބަލައި ފާސްކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލައިފާސްކުރަން ގެންގޮސްފި އެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ ސަނީގެ އަންހެނުންގެ ގެ ކަމަށްވާ, ހ. އަނދުންގެއަށް ސަނީ ގެނެސްފަ އެވެ. އޭނާ އެގެއަށް ގެނެސް އެ ގޭގައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެއަށް ފަހު މިއަދު 15:00 ވާން ކައިރި ވެފައިވަނިކޮށް, ފުލުހުން ވަނީ ސަނީ އަނބުރާ ގެންގޮސްފަ އެވެ. އޭނާ ގެންދިޔަ ވަގުތު ގޭތެރެއިން ފުލުހުންނާ ބަޔަކާ ކޮންމެ ވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި އެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދަން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޕީޖީ އޮފީހުން ކުރިން ބުނި ގޮތުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ހުސައިން ސަނީ އުމަރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފަ އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ތަހުގީގުގައި ކުރަންހުރި މަސައްކަތަށް ރިއާޔަތްކޮށް އެ އޮފީހުން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދީފައި ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރީއަތް ނިމެންދެން ސަނީ ބަންދުކުރީ މިމަހުގެ 2 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް