ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް ޖައްސައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް މިދިޔަ މަހު އަލުން ހުޅުވި ފަހުން ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް އެ އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޖެޓަކީ ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް ޓޫރިސްޓުން ގޮވައިގެން ދިޔަ ޖެޓެކެވެ. ޗެކް ރިޕަބްލިކްގެ ވެރިރަށް ޕެރާގުން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދިޔަ އެ ޖެޓުގައި އަށް ޓޫރިސްޓަކު ތިއްބެވެ.

މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫއަށް ޖެއްސިނަމަވެސް މިހާތަނަށް ފަސިންޖަރުންނާއެކު ޖެޓެއް އެ އެއާޕޯޓަކަށް ޖައްސާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް ހަނިމާދޫ އެއަޕޯޓުން މަޢުލޫމާތުދެއްވައެވެ.

މި ޖެޓު އައިސްފައިވަނީ ޕެރާގުން ފުރައިގެން ސީދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އާއަހަރާ ދިމާކޮށް އައި މި ޖެޓުގައި އެ އެއާޕޯޓުގައި ބޭއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޖެޓަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ހަނިމާދޫ އެއާޕޯޓުން ދެމުން ގެންދާނެއެވެ. ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށްފައިވަނީ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހުރެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް