އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރަނީ

ރ. އަލިފުށީގައި 29.7 ކިލޯވޮޓްޕީކްގެ ސޯލާ ފޮޓޯވޮލްޓެއިކް ހަކަތަ ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގެ ކަރަންޓުގެ ޔަޤީންކަން އިތުރުކޮށް، ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

އަދި މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި އިރުގެ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެ، ޑީސަލް ބޭނުންކުރާ މިންވަރު މަދުވެގެންދާނެ ކަމަށާއި، މި މަޝްރޫޢު ނިމުމުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 13,938 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، އަހަރަކު 34 ޓަނުގެ ކާބަން ބޭރުކުރާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ އަލިފުށީގައި ސޯލާ ފޮޓޯވޮލްޓެއިކް ހަކަތަ ހިމެނޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް