ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތްކުރަމުންދަނީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމަކުންނެވެ.

އެ ޓީމުގެ ފަރާތުހން ރާއްޖޭގައި ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ޖިއޮލޮޖިކަލް ދިރާސާތައް ކުރިއަށް ގެންދިއުމާއި މަސްލަހަތު ހިމެނޭ ފަރާތްތަކާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުން އަދި ޑިޒައިން ފޭޒްގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްްޓްރަކްޗާރގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުޙައްމަދު ޗައިނާގެ ޓީމާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދަވާފައިވެއެވެ. މި ބައްދަލުވުމުގައި ޗައިނާގެ އެމްބަސީގެ ފަރާތުން ކައުންސިލަރު ޒޭންގް ޒޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު ޗައިނާގެ ފަރާތުން ޕްރޮޖެކްޓާއި ހަވާލުވެފައިވާ ޓީމާއި މިނިސްޓްރީގެ ފަންނީ ބޭފުޅުންވަނީ މަޝްޜޫޢު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ސައިޓަށް ޒިޔާރަތްކޮށްފައެވެ.

މި ޓީމުން ސާރވޭއާއި ޑިޒައިންގެ މަސައްކަތްތައް އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށްގެންދާނެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައްވެސް ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް