ދުވާފަރުން ޑްރަގާއެކު ތިން މީހުން ހައްޔަރުކޮށްފި

ފުލުހުން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެ އޮޕަރޭޝަން ވެސް ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.

މިގޮތުން މި ދެ އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ކުދީނާގެ، އަޔާޒު އާދަމް (26އ) އާއި ރ. ދުވާފަރު / އިހާ، އަބްދުﷲ ނިހާން (26އ) އެވެ. މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / މެހެލް، އަބްދުﷲ ރަޝީދު (40އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ކަރުދާސްކޮޅާއި، ރަބަރު ޕެކެޓަކާއި ފަސް ވޭޕް ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް