އެންޑީއޭގެ ޗެއާމަނަކަށް އަހުމަދު ސިއްދީގު ހަމަޖައްސައިފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އާ ޗެއާމަނަކަށް އަހުމަދު ސިއްދީގް އިއްޔެ އައްޔަންކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ސިއްދީގް އެންޑީއޭގެ އެންމެ އިސްވެރިޔަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 13 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ލުބްނާ ޒާހިރު ހުސައިން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވުމުން މަގާމު ހުސްވެފައިވާތީ އެވެ.

އެންޑީއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވި ސިއްދީގަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސިއްދީގަކީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފާހަގަކުރެވޭ ގޮތުގައި އެންޑީއޭ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެކަމާ ދެކޮޅަށް ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އޮންނަ ތަނެކެވެ.

ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް މީހުން އަންނަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް