ބީއެމްއެލް އިން އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކޮށް، ޖަނަވަރީގައި ފައިނޭންސިންގ އަށް ހުޅުވާލަނީ

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މައިކްރޯ ފައިނޭންސިންގ" ސްކީމެއް ތަޢާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް ⁦2.5%⁩ ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށާއި، މިއީ މުޅި ރާއްޖޭގައިވެސް މިހާރު ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ.

މިގޮތުން މި ފައިނޭންސިންގ އަގުހެޔޮކޮށް އަދި ދިގުމުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިންގ އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން. މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް. މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ"، ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ޚިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިންގ ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގއެކެވެ. އަދި ޝަރީޢާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިންގ ދާއިރާއާ ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ މިއަންނަ ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް