ބެއާއެއްގެ ތެރެއަށް ޑްރަގު ލައިގެން އުޅުނު ފުލުހަކު ހައްޔަރުކޮށްފި

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ.

މިމައްސަލައާ ގުޅިގެން މުހައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން، ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެކެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފަވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް