ހުޅުމާލެ ތިންވަނަ ފިޔަވަހީން ގޯތި ލިބޭނެ ސަރަހައްދުތަކުގެ ގުރުއަތުލުން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ތިންވަނަ ފިޔަވަހީން ގޯތި ލިބިިފައިވާ ފަރާތްތަކަށް ގޯތި ލިބޭނެ ސަރަހައްދުތަކުގެ ގުރުއަތުލުން ފަށައިފި އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކަށް އާ ލޮޓް ނަންބަރުތަކެއް ކަނޑައަޅަން މި ގުރުއަތުލުން މިއަދު މި ބާއްވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައިވާތީ، ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އެވެ.

ގުރުއަތުލުން ކުރިއަށް ދަނީ، ކަލާފާނު ސްކޫލުގަ އެވެ. ހައުސިން މިނިސްޓްރީން ބުނީ، މިއަދު 698 ގޯތީގެ ގުރުއަތު ނެގުން ކުރިއަށްދާނެ ކަމަށެވެ. އަދި، ގުރުއަތުލާ ހޯލަށް ވަދެވޭނީ، ބިން ލިބިފައިވާ މީހުންގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެކަކަށް ކަމަށާއ ގުރުއަތުލާއިރު ޕްލޮޓް ކަނޑައެޅޭ މީހުންނަށް ވަގުތުން ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށް ބުންޏެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށާއި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.ހައުސިން މިނިސްޓްރީން ބުނިގޮތުގައި މިއަދު 698 ގޯތީގެ ގުރުއަތު ނެގުން ކުރިއަށްދާނެ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓު 24 ގޯތި

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް