ޖަނަވަރީގެ ނިޔަލަށް ތިލަފުށީގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށާނެ: ރައީސް

ޖަނަވަރީ މަހުގެ ނިޔަލަށް ތިލަފުށީގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާ ޚިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލްވުމުގައި ތިލަފުށީގައި ވިޔަފާރި ކުރާ ބައެއް ވިޔަފާރިވެރީން ވަނީ އެ ރަށުގައި އޭޓީއެމް ޚިދުމަތް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިރޭގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އަންނަ ޖަނަވަރީގެ ނިޔަލަށް އެ ޚިދުމަތް ފެށޭނެ ކަމުގެ ޔަޤީންކަން ބީއެމްއެލް އިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ބެންކުގެ ޚިދުމަތް ފުޅާކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. ވެރިކަމުގެ އެންމެ ކުރީކޮޅު އެ ވައުދު ވަނީ ފުއްދަވާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ވަނީ ފަށާފަ އެވެ.

އަދި 70 ވުރެ ގިނަ ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް