ވާދޫގައި ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ރ. ވާދޫގައި ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން 250 ކިލޯވޮޓް-ޕީކްގެ ސޯލާ ފޮޓޯވޮލްޓެއިކް ކެޕޭސިޓީއާއި 412 ކިލޯވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ރަށުގައި ޤާއިމުކުރެވޭނެއެވެ.

މި ނިޒާމުގެ މަސައްކަތް ނިމި، ހިންގަން ފެށުމާއެކު ވާދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީޒަލުގެ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި، އެގޮތުން ކޮންމެ އަހަރަކު 117,697 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، ޑީޒަލް ބޭނުންކުރުން މަދުވުމުގެ ސަބަބުން ކޮންމެ އަހަރަކު 288 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރޯޅިއަށް ދޫކުރުންވެސް މަދުވެގެންދާނެއެވެ.

ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ވާދޫގައި ބެސް އެކުލެވޭ ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމްކުރުމަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް