މި އަހަރު ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓް ތިން ފަރާތަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓަޕް ގްރާންޓް 2025 ލިބޭ ފަރާތްތައް ހޮވައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.

މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތައް:

  • ރަށި ޕާކް (އިބްރާހީމް މިފްޟާލް ފަޔާޟް)

އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމަށް. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކް. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ.

  • ރަށު ޕްލާސްޓިކް ޕްރޮޖެކްޓް (މުޙައްމަދު މިމްރާޙް)

މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ. މި ޕްރޮޖެކްޓްގެ ރީސައިކްލިންގ ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގައި.

  • ލޭޑީބަރޑް ކިންޑަރގާޑެން (ޝައްމާ ނަދީމް)

ހުޅުމާލޭ ފޭސް 2ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އަރލީ ލަރނިންގ ސެންޓަރެއް ގާއިމުކުރުމަށް.

ބީއެމްއެލް ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައިވާއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައިވެއެވެ.

ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުންވަނީ މިއަހަރު ޖުމްލަ 3 ޕްރޮޖެކްޓަކަށް އެހީ ދެވޭނެކަން ހާމަކޮށްފައެވެ.

މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް