ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު

މާލޭގެ މޭޔަރުކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ފަރާތުން ވާދަކުރައްވާނީ، ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިރޭ އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކުރީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ އެ ޕާޓީގެ "ރިސެޓް" ޖަލްސާގަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.

އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މެޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 30ގަ އެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް