އުކުޅަހުން ރަޝިއާ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
އއ. އުކުޅަހުން ރަޝިޔާގެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެރަށު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މީހާއަކީ އެ ރަށު ލަ ޕަލްމާ ސޫޓްސް ގެސްޓުހައުސްގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

ޗުއްޓީ ހޭދަކުރަން އެކަނި އެ ރަށަށް ގޮސް އުޅުނު އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަމަށް އުކުޅަހު ކައުންސިލުން ބުނެ އެވެ.

އުކުޅަހު ކައުންސިލުން ބުނި ގޮތުގައި، މޮބައިލް ފޯނު ހިމެނޭ ގޮތަށް އޭނާގެ އެހެނިހެން ހުރިހާ ސާމާނެއް ވެސް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި އެބަހުއްޓެވެ.

ފިރިހެން މީހާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސް އާއި އެ ރަށު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510އަށް ގުޅުމަށް އެދިފަ އެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް