ހަފުތާއެއް ތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ.

ރައީސް ވިދާޅުވީ އޮންނަ އުޞޫލްގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު އެކަންކަން މިފަދަ މަސާޖްޕާލާތައް ހުއްޓުވުމުަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިވީ ހަފްތާއެއްގެ ތެރޭގައި 52 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 24 ތަނަކީ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރި ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ފަރާތްތައް ގުޅިގެން އޮޕަރެޝަނެއް ކުރިއަށްގެންގޮސް ތަންތަން ބަންދުކުރަން ފެށުމުން އަމިއްލަ އަށް އެ ވިޔަފާރި ކުރާމީހުން 28 ތަނެއް ބަންދުކުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އިތުރު ވަޞީލަތްތަކާއެކު މިކަމަށް ޚާއްސަ މަސައްކަތެއް މިމަހުގެ 9 ވަނަ ދުވަހު ފެށި. މިއަދާހަމައަށް އައިރު 52 މަސާޖްޕާލާ ބަންދުވެއްޖެ. ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިހާ ފާމްކޮށް މި މަސައްކަތް ރައްޔިތުން ދެއްވި ޚިޔާލާއެކު ކުރަން ފެށީމާ އޭގެނ ނަތީޖާ ރަނގަޅު. މިކަން ކޮންޓިނިއު ކުރާނެ. ރެޔާ ދުވާލު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން ތިބޭ ބިދޭސީން ފޮނުވާލާކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަމަށާއި އޮންނަ އުޞޫލުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މުޖުތަމަޢުގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރަން ކަމަށާއި ރައްޔިތުން ދޭ ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ ޚިޔާލުތަކެއްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް