މީހެއްގެ ވައިބަރ ހެކްކޮށް ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 7 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މިހާއާއެކު ޖުމްލަ ތިން މީހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.

މިގޮތުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް