ދިރޭ ތަކެތި ސިފަވާ ގޮތަށް ބިނާތައް ފަރުމާކުރުން ހަރާމް: ފަތުވާ މަޖިލިސް

ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

މި ފަތުވާ ނެރެފައިވަނީ، މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ހުކުމް ސާފުކޮށްދިނުމަށް އެދި އެ މަޖިލީހަށް އާންމު ފަރާތަކުން  ހުށަހެޅި ސުވާލަކާ ގުޅިގެންނެވެ.

އިލްމީ ދިރާސާތަކާއި، ބުދު ބެހެއްޓުން ނަހީކުރައްވާފައިވާ ހަދީސްތަކަށް ބަލައި މިއަދު ނެރެފައިވާ ފަތުވާގައި ބުނީ، އިލްމުވެރިންގެ އިޖުމާއުން ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވާ ކަމަށެވެ. މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަހުރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، އަދި اللهގެ ހަލްގުކުރެއްވުމާ އެއްފަދަކުރުން ހިމެނޭ ކަމަށް ފަތުވާގައި ބުންޏެވެ.

ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، އިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުން ކަމަށް ފަތުވާގައިވެ އެވެ.

މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެވި އިބްރާހީމުގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާކުރެއްވި ކަމަށް ވެސް ފަތުވާގައިވެ އެވެ.

"ހަދީސްފުޅުތަކުގައި ބަޔާންވެގެންވާ ގާ ގޮތުގައި، ގިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ.  އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫން،" ފަތުވާގައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް